ރައީސްގެ ދަރިކަލުންނާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެކަމަށް ކޯޓުން ހުކުމްކޮށްފި
ދަޕްރެސް
16 ނޮވެމްބަރު 2025 | އާދިއްތަ | 4:27
އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ބެހޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ކިބައިން ބަދަލު ހޯދޭނެ ކަމަށް ފެމިލީ ކޯޓުން ހުކުމްކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުވަނީ މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒްގެ މައްޗަށް ފެމެލީ ކޯޓުގައި ދައުވާ ކުރެއްވާފައެވެ.
އެ މައްސަލާގައި ފެމެލީ ކޯޓުން މިއަދު ކުރި ހުކުމްގައި ކަނޑައެޅީ މަންދީ އާއި އަހުމަދު ސަލީމް (މާޒް) ދެއްކި ވާހަކަތަކުން ރައީސްގެ ދަރިކަލުންގެ ރައްކާތެރިކަން އަދި ކަރާމާތް ގެއްލިފައިވާ ކަމަށާ އެ ވާހަކަތައް މަނާކުރުމުގެ ބަދަލުގައި އެކަމަށް ހިތްވަރު ދީފައިވާކަން ސާބިތުވާތީ އެމްޑީޕީ އާއި ފައްޔާޒް އެކަމަށް ޒިންމާވާން ޖެހޭނެ ކަމަށެވެ. އެހެންވެ، އެމްޑީޕީ އާއި ފައްޔާޒްގެ ފަރާތުން ބަދަލު ހޯދުމުގެ ހައްގު ފަސްޓްލޭޑީއަށް ލިބިވަޑައިގަންނަވާނެ ކަމަށް ފެމެލީ ކޯޓުގެ ހުކުމުގައިވެއެވެ.