2026 ނިމޭއިރު އެންމެ ކުޑަ ރަށުގައި ވެސް ލެބޯޓްރީ ހިދުމަތް ލިބެން ހުންނާނެ: ރައީސް
ދަޕްރެސް
17 ނޮވެމްބަރު 2025 | ހޯމަ | 10:25
އަންނަ އަހަރު ނިމޭ އިރު ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ކުޑަ ރަށުގައި ވެސް ލެބޯޓްރީގެ ހިދުމަތް ލިބެން ހުންނާނެ ކަމަށާއި އެންމެ ގިނަ މުވައްޒަފުން އަންނަ އަހަރު ހޯދާނީ ވެސް ސިއްހީ ދާއިރާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ރައީސް ކަމަށް އިންތިހާބުވެ ރައީސް ކަމުގެ ހުވާކުރެއްވިތާ 2 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޕީއެންސީން މިރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަ އަހަރު ކުރަން ނިންމަވާފައިވާ ކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އޭގެތެރެއިން ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ފެށިފައި ކަމަށެވެ.
އޭގެތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަކީ ހޮސްޕިޓަލްތައް ބިނާކުރުމަށް ކުރާ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޓާޝަރީ ފެންވަރު ހޮސްޕިޓަލްތައް ގާއިމްކުރުމަށް ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެކި މަރުހަލާގައި ފެށިގެން ގޮސްފައި ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ސަރަހައްދީ ތަރައްގީގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.