އެމްޑީޕީ މުޒާހަރާއިން ހައްޔަރު ކުރި މީހުންނަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި
ދަޕްރެސް
18 ނޮވެމްބަރު 2025 | އަންގާރަ | 10:15
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިދިޔަ މަހުގެ 3 ގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ހައްޔަރު ކުރި ހަތް މީހަކަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް (ޕީޖީ) އިން ނިންމައިފިއެވެ.
ޕީޖީ އޮފީހުން ބުނީ، ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެ މީހުންގެ މައްޗަށް ކުރުމަށް ފުލުހުންގެ ފަރާތުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކުރާ އިރު ތުހުމަތު ކުރެވޭ އަމަލުތައް އެ މީހުން ހިންގާފައި ވަނީ އަސާސީ ހައްގެއް ބޭނުން ކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭ ކަމަށް ޕީޖީން ބުންޏެެވެ.
އެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާތީ އެ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނަ ކަމަށް ނިންމާ ކަމަށް ޕީޖީން ބުނެއެވެ. އެ މީހުންގެ މައްޗަށް ދައުވާނުކުރާން ނިންމިޔަސް އެ އެއްވުމާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށާއި އެ ބައިތަކުގެ ތަހުގީގު ނިމުމުން އެ މައްސލަަތކުގެ ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީން ބުނެއެވެ.