ބީއެމްއެލް ހިންގުމާ ހަވާލުވިއިރު ގިނަ ގޮންޖެހުންތައް ދިމާވި ނަމަވެސް މިހާރު އެ ހާލަތުން އަރައިގަނެވިއްޖެ: ޝަރީފް
ދަޕްރެސް
19 ނޮވެމްބަރު 2025 | ބުދަ | 9:49
ބީއެމްއެލް ހިންގުމާ ހަވާލުވިއިރު ގިނަ ގޮންޖެހުންތައް ދިމާވިކަމަށާއި، ކޯވިޑާއެކު ފޮރިން އެކްސްޗޭންޖް ޕޮޒިޝަން ދަށްވެގެން ދިޔަ ގޮތަށް އެކަމުން އަރައި ނުގަނެވި އޮތްކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ހަފުތާ 104 ޕްރޮގްރާމުގައި ޝަރީފް ވިދާޅުވީ ކޯވިޑާއެކު ފޮރިން އެކްސްޗޭންޖް ޕޮޒިޝަން ދަށްވެގެން ދިޔަ ގޮތަށް އެކަމުން އަރައި ނުގަނެވި އޮތް ކަމަށާއި ނަމަވެސް މިހާރު ސަރުކާރުގެ އެހީތެރިކަމާއެކު އެ ހަލާތުން އަރައިގަނެވިފައިވާ ކަމަށެވެ. އަދި ބޭންކުގެ މާލީ ހާލަތުވެސް ރަނގަޅުކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ބޭންކަށް ފައިދާވަމުންދާއިރު ބޭންކުން މަސައްކަތް ކުރަނީ، އާންމުންނަށްވެސް އެކަމުގެ މަންފާ ކުރާނެ އުސޫލެއްގެ ތެރެއިން ކަމަށެވެ.
ބީއެމްއެލްގެ ކާމިޔާބީތައް ހިއްސާކުރައްވަމުން ޝަރީފް ވިދާޅުވީ 10 މިލިޔަން ރުފިޔާގެ ކެޕިޓަލްއަކުން ބޭންކު ފެށި ނަމަވެސް މިއަދު 15 ބިލިޔަން ރުފިޔާގެ ކެޕިޓަލްއަކަށް އައިސްފައިވާ ކަމަށެވެ. އެހެން ކަމުން ވިޔަފާރި ފައިދާ އިތުރުކޮށް ކެޕިޓަލް ބޭސް ބޮޑުކުރަނީވެސް ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.