ނާޒިމް ވާހަކަ ދެއްކެވީ ހަގީގަތް އޮޅޭ ގޮތަށް، ޕްރޮޕޯސަލް ހުށަހެޅީވެސް 66 މިލިއަން ރުފިޔާއަށް: ޒެޓާ

ދަޕްރެސް

22 ނޮވެމްބަރު 2025 | ހޮނިހިރު | 12:38

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި ޒެޓާ ކުންފުންޏާ ގުޅިގެން ދެއްކެވި ވާހަކައަކީ ހަގީގަތް އޮޅޭ ގޮތަށް ދައްކަވާފައިވާ ވާހަކައެއް ކަމަށް ބުނެ އެ ކުންފުނިން ކަންބިޑުވުން ފާޅުކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މި މަހުގެ 19 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނާޒިމް ދެއްކެވި ވާހަކައާ ގުޅިގެން ޒެޓާ އެންޓަޕްރައިސަސް އަދި ޒެޓާ ޓެކްނޮލޮޖީގެ ގާނޫނީ ވަކީލުންގެ ފަރާތުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ ދެ ކުންފުންޏާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށާއި އެއީ ވަރަށް ބިޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ހަމާކުރުމަށް އެ ބަޔާން ނެރޭ ކަމަށް ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ހާމަނުކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.

އެގޮތުން 1400 ބޮޑީވޯން ކެމެރާ ހޯދުމަށް ކުރި އިރުލާނަށް ޒެޓާ އެންޓަޕްރައިސަސް އިން ކުރިމަތިލާފައިވާ އިރު އެ ކުންފުންޏަކީ ކޮލިފައި ނުވާ ކުންފުންޏެއް ކަމަށް ނާޒިމް ވިދާޅުވި ވާހަކައަށް ރައްދު ދެމުން އެ ކުންފުނިން ބުނެފައި ވަނީ، އެ ކުންފުނިން ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ހުށަހެޅި ކަމަށާއި މާލީ އަދި ފަންނީ ގާބިލްކަން ހުރިކަން ސާބިތުކޮށް ދިނުމަށް ވެސް ލިޔެކިޔުނ ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެ ކުންފުންޏަކީ 2019 ވަނަ އަހަރުން އެކްސޯންގެ އެކްސްކްލޫސިވް އަދި ސޯލް ޑިސްޓްރިބިއުޓާ ކަމަށާއި ހުށަހެޅި ލިޔުންތަކުން ވެސް އެކަން ފެންނަން އޮންނާނެ ކަމަށް ވެސް ޒެޓާ އިން ބުނެއެވެ.

މައުޟޫޢުތަށް