5 މިލިއަން ގަސް އިންދުން: ސްޓެލްކޯގެ ހިދުމަތްދޭ ހުރިހާ ރަށެއްގައި އެ ކުންފުނިން މިއަދު ގަސް އިންދައިފި

ދަޕްރެސް

22 ނޮވެމްބަރު 2025 | ހޮނިހިރު | 10:32

ސްޓެލްކޯގެ ހިދުމަތްދޭ ހުރިހާ ރަށެއްގައި މިއަދު ގަސް އިންދުމުގެ ހާއްސަ ހަރާކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އެ ކުންފުނިން ބުނީ މިއީ ތިމާވެށި ރައްކާތެރިކޮށް، ދިވެހިރާއްޖޭގެ ކާބަން ފުޓްޕްރިންޓް އޮފްސެޓް ކުރުމަށް 5 އަހަރުތެރޭގައި 5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ގައުމީ މަޝްރޫއުގައި ބައިވެރިވެ، ސްޓެލްކޯއިން ވެފައިވާ ވައުދާއެއްގޮތަށް 5 އަހަރުގެ ތެރޭގައި 5 ލައްކަ ގަސް އިންދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަަމަށެވެ. މި ހަރަކާތުގައި ސްޓެލްކޯގެ މުވައްޒަފުން ވަނީ ހިޔާދޭ ބޮޑެތި ގަސްތަކުގެ އިތުރުން މާ ގަސްތައް އިންދާފައެވެ.

މިދިޔަ އޮކްޓޯބަރު މަހު ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާތުން، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، 8 ލައްކައަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގުރާމުކަމުގައިވާއިރު މި ޕްރޮގްރާމްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކި މުވައްސަސާތަކުން އަންނަނީ ބައިވެރިވަމުންނެވެ. މި ގޮތުން މި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން ވަނީ 6 ލައްކަ ގަސް އިންދުމަށް ނިންމާފައެވެ.

މައުޟޫޢުތަށް