މިއަދާއި މާދަމާ މާލެ ސަރަހައްދުގައި އެމްއެންޑީއެފް ފަޔާ ފައިޓަރުންގެ އެކްސަސައިޒެއް ކުރިއަށް ގެންދަނީ
ދަޕްރެސް
23 ނޮވެމްބަރު 2025 | އާދިއްތަ | 1:52
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެކްސަސައިޒް "ޖައްރާފާ"ގެ މި އަހަރުގެ ތަމްރީނުތައް މިއަދު ފަށައިފިއެވެ.
މި އެކްސަސައިޒަކީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަމަލުކުރަމުންދާ ފަޔާ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުންގެންދާ އެކްސަސައިޒެކެވެ.
އެމްއެންޑީއެފްއިން ބުނީ މިއަދާއި މާދަމާ ކުރިއަށްގެންދަން ހަމަޖެހިފައިވާ މި އެކްސަސައިޒުގައި ފަޔާ ފައިޓަރުންނަށް ލިބިފައިވާ އިލްމާއި ހުނަރު އަދި ލިބިފައިވާ ވަސީލަތްތައް އަމަލީ މައިދާނުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާއި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ހުނަރުވެރިކަމާ އެކު ހައްލުކުރާނެ ގޮތްތައް ފަރިތަކުރާނެ ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އަވަސް ކުރެވޭނެ ގޮތްތައް ދެނެގަތުމަށް މަސައްކަތްކުރާނެކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.