ފައްޔާޒަކީ އެމްޑީޕީގެ ހައްގުގައި ޖަލަށް ވަޑައިގަންނަވަން ޖެހުނު ވަގުތު އެކަންވެސް ކުރެއްވި ބޭފުޅެއް: ނަޝީދު
ދަޕްރެސް
24 ނޮވެމްބަރު 2025 | ހޯމަ | 8:55
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާދެއްވި ފައްޔާޒު އިސްމާއީލަކީ ޕާޓީގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފައްޔާޒުއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވަމުން ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފައްޔާޒަކީ އެމްޑީޕީ އުފެދުނީއްސުރެ ޕާޓީއަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާ ބޭފުޅެއް ކަމަށެވެ. ފައްޔާޒަކީ ޕާޓީގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައި ނުގެން، ޖަލަށް ވަޑައިގަންނަވަން ޖެހުނު ވަގުތު ޖެހިލުމެއް ނެތި ޖަލަށްވެސް ވަޑައިގެންނެވި ބޭފުޅެއްކަމުގައި ނަޝީދު ވިދާޅުވިއެެވެ. "ޕާޓީއާއެކު ފައްޔާޒަށް އިތުރު ކާމިޔާބީއަށް އެދެން،" ނަޝީދުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުން ރޭ ފައްޔާޒު އިސްތުއުފާ ދެއްވާފައިވާއިރު، މިހާރު ހުރި ގޮންޖެހުންތަކާއި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު ފެންނަމުންދާކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.