މައިންގެ މަސައްކަތް ފެނި، ދަރިން އެ ދާއިރާތަކުން ހުނަރުވެރި ބަޔަކަށްވުމަށް ފުރުސަތު ލިބޭ: ސާޖިދާ
ދަޕްރެސް
24 ނޮވެމްބަރު 2025 | ހޯމަ | 2:19
ގޭތެރޭގައި މަންމަ ކުރަމުން އަންނަ މަސައްކަތެއްގެ ތެރެއިން ދަރިންގެ ކިބައިގައި އެކަމުގެ އާދައާއި ޝައުގު އިތުރުވެ، ގުޅުންހުރި ދާއިރާއަކުން ހުނަރުވެރިޔަކަށް ވުމުގެ ފުރުސަތު ފަހިވެގެންދާ ކަމުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ސްޓެލްކޯއިން ކުރިއަށް ގެންދިޔަ ''ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން'' ގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން ކޯހަކީ ގޭތެރޭގައި ހައްލުކުރަން ޖެހޭ ކަރަންޓުގެ މައްސަލަތައް ގޭތެރެއިން ހައްލުކުރެވޭނެ މަގުފަހިކޮށްދިނުމަށް އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކޯހެކެވެ. އެކަމަށް އިޝާރާތްކުރައްވާ ސާޖިދާ ވިދާޅުވީ އިޖުތިމާއީ އަދި ރަސްމީ ހިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބޮޑު، ވަރަށް ބުރަ ޒިންމާތަކެއް އުފުލާބައެއް ކަމަށެވެ. އެހެންކަމުން އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަމުގެ ޔަގީންކަން އެކަމަނާ ދެއްވިއެވެ.