މިވީ 2 އަހަރުތެރޭ ފެނަކަ ހަމައަކަށް ނޭޅުވުނީ ކުރިން ވެފައި އޮތް އިހުމާލު ބޮޑުކަމުން: ނަޖާހު
ދަޕްރެސް
24 ނޮވެމްބަރު 2025 | ހޯމަ | 6:18
ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތައް މި ސަރުކާރަށް ދެ އަހަރު ދުވަސް ވީ އިރު ވެސް ހަމައަކަށް ނޭޅުވި އޮތީ ކުރިން ވެފައިވާ އިހުމާލުގެ ބޮޑު ކަމުން ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުހެ އެންވާރަމަންޓް ކޮމިޓީ އިން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ނަޖާހް ވިދާޅުވީ، ފެނަކައަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކޯޕަރޭޝަނަށް ބައެއް ހިދުމަތްތަކާއި ތަކެތި ފޯރުކޮށްދިން ފަރާތްތަކުގެ ލިޔެކިއުން ފުރިހަމަކޮށްފައި ނެތުން ކަމަށެވެ. ކުރީގެ ސަރުކާރުން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ އެއްވެސް ޑޮކިއުމެންޓެއް ނެތް ކަމަށާއި ފޭކް އެއްޗެހި ގެނައީ ކޮންބައެއްތޯ ބެލުން ފަދަ މަސައްކަތް ކުރުމަށް ހުރަސްތަކާ ކުރިމަތިވެފަިއވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިން ފެނަކަ ހިންގުމުގައި ވެފައިވާ އިހުމާލުތައް ބޮޑު ކަމަށާއި އެކަމުގެ ސަބަބުން މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނި ހަމައަކަށް ނޭޅުވިފައި ވަނީ އެ ސަބަބަާ ހުރެ ކަމަށް ނަޖާހު ވިދާޅުވިއެވެ. ފެނަކައަކީ ފައިސާ ލިބޭ ކުންފުންޏެއް ކަމަށާއި މާ ބޮޑު ފައިދާއެއް ހޯދަން މަސައްކަތް ކުރާ ކުންފުންޏަކަށް ފެނަކަ ނުވި ނަމަވެސް ހިދުމަތް ދިނުމުގައި ބުރޫ ނާރާވަރަށް ކުންފުންޏަށް ފައިސާ ލިބޭ ކަމަށް ނަޖާހު ވިދާޅުވިއެވެ.