މަހުޒޫމާއި ޝިމަން އަށް ދައުވާ ނުކުރަން ނިންމައިފި
ދަޕްރެސް
25 ނޮވެމްބަރު 2025 | އަންގާރަ | 2:22
ހުސްވި މޭ 1، 2025 ގައި ޒުވާނުން ނުވަތަ ޖެން ޒީ އިން މާލޭގައި ކުރި ސިލްސިލާ މުޒާހަރާތަކުގައި ޖިނާއީ ކުށުގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، ދައުވާ ކުރަން ފޮނުވި އަބްދުﷲ މަހުޒޫމް މާޖިދާއި، އާއިޝަތު ޝިމަން އަހްމަދުގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވައިފިއެވެ.
ދާދި ދެންމެ އާންމު ކުރެއްވި ކުރު ބަޔާނެއްގައި ބުނެފައި ވަނީ، ނ. ކުޑަފަރީ، ބަގީޗާގެ، އަބްދުﷲ މަހްޒޫމް މާޖިދުގެ މައްޗަށް ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ އަދި ކ. މާލެ މ. ހަސްތީ، އާއިޝަތު ޝިމަން އަހްމަދުގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައު ވާ ޖޫން 25، 2025 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވީ ނަމަވެސް ދައުވާތައް މުރާޖައާ ކުރުމަށްފަހު، ދައުވާ ނުކުރަން ނިންމާފައި ވާ ކަމަށެވެ.
އަދި އެގޮތަށް ނިންމީ، މި ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތަތީއާއި، މި މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާތީއާއި، މި ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބާއި، މައްސަލައިގެ ހާދިސާގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް، މި ދައުވާތައް އިތުރަށް ކުރިއަށް ގެންދަން ނުފެންނާތީ ކަމަށެވެ.