އާޒިމާއަށް ކުރި ދައުވާ ކުރިއަށް ނުގެންދަން ޕީޖީ ނިންމަވައިފި
ދަޕްރެސް
25 ނޮވެމްބަރު 2025 | އަންގާރަ | 3:38
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުންހުރި މައްސަލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި މ. އާސްތާނާ، އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާ ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވައިފިއެވެ.
2015 ވަނަ އަހަރު ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އާޒިމާގެ މައްޗަށް ކުރި މަނީ ލޯންޑްރިން އަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކޯޓަށް ހުށަހެޅީ ފެބްރުވަރީ 17، 2019 ގައެވެ.
ޕީޖީން ބުނީ، މި ދައުވާތައް މުރާޖައާ ކޮށްދިނުމަށް އާޒިމާގެ ފަރާތުން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަންކަމަށާއި، އާޒިމާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވާތީ، އާޒިމާގެ މައްޗަށް ކުރި ދައުވާތައް އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތް ކަމަށެވެ.