އަލިފާނުގެ ހާދިސާގައި އަނިޔާވި ސްޓެލްކޯ މުވައްޒަފު އިތުރު ފަރުވާއަށް އޭޑީކޭއަށް ބަދަލުކޮށްފި
ދަޕްރެސް
26 ނޮވެމްބަރު 2025 | ބުދަ | 6:41
ހުޅުމާލެ ބާ އިންޖީޏުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާއަށް އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ހުޅުމާލޭ އިންޖީނުގޭގައި މިއަދު ހިނގި ހާދިސާއާ ގުޅިގެން އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗްގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައި ދިޔަ ހާދިސާއެއްގައި މިއަދު ސްޓެލްކޯ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައި ކަމަށެވެ. މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެ މުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ވަނީ ފޯރުކޮށްދީފައި ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
އަނިޔާ ލިބުނު މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފާރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ. މި ހާދިސާ އާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާ އާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށް ދެވެން އޮތް ހުރިހާ އެހީތެރި ކަމެއް ފޯރުކޮށް ދިނުމަށް މުވައްޒަފުގެ އާއިލާ އާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.