ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށްދޭ އިނާޔާތް ކަނޑާލައި، ނައިބު ރައީސުންނަށް އިނާޔަތެއް ދެނީ
ދަޕްރެސް
27 ނޮވެމްބަރު 2025 | ބުރާސްފަތި | 11:23
ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ދެމުންދިޔަ 175،000 ރުފިޔާ އުނިކޮށް، ކުރީގެ ނައިބު ރައީސުންނަށް 25،000 ރުފިޔާގެ އިނާޔަތެއް ދޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ.
ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދޭ 175،000 ރުފިޔާ ދޭން ނުޖެހޭގޮތަށް އެ އިސްލާހުގައި ވާއިރު، ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަކަށް އިންތިހާބުވެއްޖަނަމަ އެ ދައުރު ހަމަވަންދެން ނުވަތަ ދައުލަތުގެ މަގާމަކަށް ހަވާލުވެއްޖެނަމަ އެ މަގާމެއްގެ މުއްދަތުގައި ގާނޫނުން އެ ރައީސަކަށް ދޭ އިނާޔަތްތައް މެދުކަނޑާލަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ރާއްޖޭން ބޭރުގައި ކުރީގެ ރައީސަކު ދިރިއުޅޭނަމަ، އެ މުއްދަތުގައި ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމުނުވާނެ ކަމަށް މި އިސްލާހުގައިވެއެވެ.