ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ދަޕްރެސް
28 ނޮވެމްބަރު 2025 | ހުކުރު | 11:36
އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމާ ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައިސް ވިދާޅުވީ، ލަންކާގެ މޫސުން ގޯސްވެ އެ ގައުމަށް ކުރި ބޯ ވިއްސާރާގައި ގިނަ ބަޔަކު މަރުވެ، އެތައް ތަނަކަށް ގެއްލުންވުމުން ހިތާމަކުރާ ކަމަށެވެ. އަދި ލަންކާއަށް ދިމާވެފައިވާ ހިތްދަތި މި ދަނޑުވަޅުގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހިން ތިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މިދިޔަ ހަފްތާއިން ފެށިގެން ލަންކާއަށް ބޯކޮށް ވާރޭވެހެމުންދާއިރު، ތޫފާން "ދިޓްވާ" އާއި ގުޅިގެން އެ ގައުމުގެ އިރުމަތީ އައްސޭރިފަށަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވަނީ ރަތް އިންޒާރުވެސް ނެރެފައެވެ.