41 ގަޑިއިރު: ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 29 ވިޔަފާރިއެއްގެ ރިޕޯޓުކޮށްފައިވޭ: ސައީދު
ދަޕްރެސް
29 ނޮވެމްބަރު 2025 | ހޮނިހިރު | 3:00
ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިއުލާންކުރިތާ، ފުރަތަމަ 41 ގަޑިއިރު ތެރޭ، މިފަދަ 29 ވިޔަފާރިއެއްގެ ރިޕޯޓުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.
މިއަދު މެންދުރުފަހުން ފެށިގެން، މި ކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނޭޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް ފަށާނެކަން ހާމަކުރައްވަމުން ސައީދު ވިދާޅުވީ ރިޕޯޓު ކުރާ ވަރަކަށް އެފަދަ ތަންތަން ބަލައި ފާސްކުރަމުން ދާނެކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން ދެމުން ސައީދު ވަނީ މިކަމުގައި ރައްޔިތުން ދެމުންދާ އެހީތެރިކަމާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
މީގެ ކުރިން މިނިސްޓަރު ވަނީ ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އެންމެން އެއް ރޫހެއްގައި އެއްބާރުލުން ދީގެން މަސައްކަތްކުރުމަށް އެދިފައެވެ.