މޫސުން ގޯސްވެ ނުފުރި ލަންކާގައި ތިބި ދިވެހިންގެ ވިސާއަށް އިތުރު ފީ އަދި ޖޫރިމަނާ ދައްކާކަށް ނުޖެހޭނެ
ދަޕްރެސް
29 ނޮވެމްބަރު 2025 | ހޮނިހިރު | 5:14
ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިސާ ހޯދުމުގައި ހާއްސަ ފަސޭހަތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ބުނެފިއެވެ.
މިއަދު ނެރުނު ބަޔާނެއްގައި ހައި ކޮމިޝަނުން ބުނީ ސްރީލަންކާގެ މޫސުމީ ހާލަތު ގޯސްވެފައިވާތީ އެ ގައުމުގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިޕާޓްމަންޓުން ވިސާއާ ގުޅިގެން ހާއްސަ ފަސޭހަތަކެއް ދީފައިވާ ކަމަށެވެ. ސްރީލަންކާގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިޕާޓްމަންޓުން ދިން މައުލޫމާތަށް ބިނާކޮށް ހައި ކޮމިޝަނުން ބުނީ، މި މަހުގެ 28 ނުވަތަ އެ ދުވަހަށްފަހުގެ ތާރީހެއްގައި ސްރީލަންކާ އިން ފުރަން ހަމަޖެހިފައިވާ ބިދޭސީން މޫސުމީ ހާލަތުގެ ސަބަބުން ފުރަން ނުކުޅެދިއްޖެ ނަމަ އެފަދަ މީހުންނަށް ވިސާ އިތުރުކުރުމުގެ ފީއާއި ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށެވެ.
ކުރު މުއްދަތުގެ ޓޫރިސްޓް ވިސާ ނުވަތަ ބިޒްނަސް ވިސާ ހޯލްޑަރުންނާއި ރެޒިޑެންސް ވިސާ ހޯލްޑަރުންނަށް ވިސާ އިތުރު ކުރުމަށް ކުރުމަށް ހަތް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދޭނެ ކަމަށް ވެސް ހައި ކޮމިޝަނުން ބުނެއެވެ. ކުރު މުއްދަތުގެ ޓޫރިސްޓް ވިސާ އިތުރުކުރުން އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށް ހައި ކޮމިޝަނުން ބުނެފައި ވެއެވެ.