އިނގިރޭސި ރަސްގެފާނުގެ ދައުވަތަކަށް ރައީސް މުއިއްޒު އިނގިރޭސިވިލާތަށް
ދަޕްރެސް
30 ނޮވެމްބަރު 2025 | އާދިއްތަ | 9:47
އިނގިރޭސި ރަސްގެފާނު، ހިޒް މެޖަސްޓީ ކިން ޗާލްސް ތިންވަނައިގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ބައްދަލުވުމުގައި ބައިނަލްއަގުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރާނީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ދުވެލި އަވަސްކުރުމަށް، ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށްގެން ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާމެދުގައެވެ.