ޝިފާއުގެ މައްޗަށް 16 ދައުވާއެއް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި
ދަޕްރެސް
30 ނޮވެމްބަރު 2025 | އާދިއްތަ | 8:25
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި 16 ދައުވާއެއް ހުސެއިން ޝިފާއުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
ޝިފާއުގެ މައްޗަށްކޮށްފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ 'ކިންގްޑަމް އޮފް ފުރުޓްސް' މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދި ކަމުގެ ދައުވާކޮށްފައެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން 23 ދައުވާއެއް އުފުލި އިރު އޭގެ ތެރެއިން މިއަދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމީ އޭގެ ތެރެއިން 16 ދައުވާ އަކާއި ގުޅޭ ގޮތުންނެވެ. ބާކީ ދަައުވާތަކާ ގުޅޭ ގޮތުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ޝިފާއުގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާ އާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާއެވެ.