ސިލޯނާއެކު ދިވެހީން ޓެލެތޯނަށް ޕީއެންސީން 3 ލައްކަ ރުފިޔާ ހަދިޔާ ކޮށްފި
ދަޕްރެސް
30 ނޮވެމްބަރު 2025 | އާދިއްތަ | 8:24
ތޫފާން 'ދިތުވާ" ގެ ސަބަބުން ހާލުގައި ޖެހިފައިވާ ސްރީލަންކާއަށް އެހީވުމަށް ޕީއެސްއެމް އިން ކުރިއަށް ގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯންގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން 300،000 ރުފިޔާ ހަދިޔާ ކޮށްފިއެވެ.
މިއަދު ހެނދުނު 9:00 އިން މިރޭ ދަންވަރު 1:00 އާ ހަމައށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓެލެތޯނަށް ޕީއެންސީން ފައިސާގެ ޗެކް ހަވާލުކޮށް ދެެއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.
ޗެކް ހަވާލުކޮށްދެއްވުމަށް ފަހު ޓެލެތޯންގައި އަބްދުއްރަހީމް ވިދާޅުވީ ސްރީލަންކާ އަކީ ދިވެހިންނާ ވަރަށް ގާތް އެއްބަނޑުއެއްބަފާކަމުގެ ގުޅުމެއް، ޒަމާނުއްސުރެ އުފެދިފައި އޮތް ދެގައުމު ކަމަށެވެ. އެއީ ދިވެހިން އެންމެ ގިނައިން ދަތުރުކޮށް އުޅޭ ގައުމު ކަމަށާއި އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖޭގައި ދިރިއުޅެމުންދާ ކަމަށް އަބްދުއްރަހްމާން ވިދާޅުވިއެވެ. ސްރީލަންކާ އަށް މިފަދަ ހިތާމަވެރި ކާރިސާއެއް ކުރިމަތިވުމާ އެކީގައި އެންމެ ފުރަތަމަ އެހީވާން އިސްނެގި ގައުމެއް ގޮތުގައި ފާހަގަވެފައި މިވަނީ ރއްޖެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.