ހައްޔަރުކުރި ސަނީ ދޫކޮށްލުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އަނެއްކާ ހައްޔަރު ކޮށްފި
ދަޕްރެސް
2 ޑިސެމްބަރު 2025 | އަންގާރަ | 8:46
"ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ ހުސައިން ސަނީ އުމަރު ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައި އަނެއްކާ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ އިރު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އެއަށްފަހު އޭނާ އެނބުރި ރާއްޖެއަށް އައުމުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ސަނީ ހާޒިރުކޮށް ސުވާލު ވެސް ކޮށްފައެވެ. ނަމަވެސް އޭނާ ވަނީ އޭގެ ފަހުން އަނެއްކާ ރާއްޖެއިން ބޭރަށް ފުރަން އުޅެފައެވެ. އެގޮތުން ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.
މި މައްސަލައާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށް ފަހު، ސަނީ އުމަރު ރާއްޖެއިން ބޭރަށް ފުރައިގެން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.