ވަގަށް ނަގާ ސައިކަލެއް، އަނބުރާ ލިބެންދެން އަހަރީ ފީ ދައްކަން ނުޖެހޭ ގޮތް ހަދައިދިނުމަށް އެދިއްޖެ
ދަޕްރެސް
4 ޑިސެމްބަރު 2025 | ބުރާސްފަތި | 4:58
ސައިކަލެއް ވަގަށް ނަގައިފިނަމަ އެ ސައިކަލް އަނބުރާ ލިބެންދެން، އަހަރީ ފީ ދައްކަން ނުޖެހޭ އުސޫލެއް ކަނޑައަޅައިދޭން އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ސިޓީއެއް ފޮނުއްވައިފިއެވެ.
ފަހަކަށް އައިސް ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް ގިނަވާކަން ފާހަގަކޮށް މުހައްމަދު އިބްރާހީމް ފޮނުއްވި ސިޓީގައި ވަނީ މި ހާލަތުގައި ސައިކަލުގެ ވެރިފަރާތަށް ކުރިމަތިވާ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ.
އެގޮތުން ސައިކަލު ވަގަށް ނެގިކަން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާ ހިސާބުން އެ ވެހިކަލްގެ އަހަރީ ފީ މައާފުކުރުމަށް އެދިވަޑައިގެން މުހައްމަދު އިބްރާހީމް ވަނީ ވަގަށް ނެގި ސައިކަލް ފެނިއްޖެނަމަ އެ ސައިކަލު ގެއްލުނުއިރު އޮތް ރަޖިސްޓްރީއަށް އަލުން އިއާދަކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ.