ވަކި ފަރާތަކަށް ބުރަވެ ހަބަރު ފެތުރުމަކީ ސިޔާސީ އެކްޓިވިޒަމް: ރައީސް
ދަޕްރެސް
5 ޑިސެމްބަރު 2025 | ހުކުރު | 1:16
ވަކި ފަރާތަކަށް ބުރަވެ ހަބަރާއި މައުލޫމާތު ގެނެސްދިނުމަކީ ނޫސްވެރިކަން ނޫން ކަމަށާއި އެއީ ސިޔާސީ އެކްޓިވިޒަމް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދައިން ވިދާޅުވީ މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ތާޖުއްދީން ސްކޫލުގައި ކުރިއަށްގެންދިޔަ ޖަލްސާގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ އެހެން ދާއިރާތައް ފަދައިން ނުހަނު ޒިންމާދާރުކަމާއެކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ހަބަރު ފެތުރުމުގައި 2 ފަރާތްވެސް ހަމަހަމަކޮށް، ހަގީގަތާ އެއްގޮތަށް ގެނެސްދޭން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.