އަޝްފާގުގެ ދަރަނީގެ، ނުދައްކާ އޮތް 4 ލައްކަ ރުފިޔާ 6 މަސް ދުވަހުގެތެރޭގައި ދައްކަން ހުކުމްކޮށްފި
ދަޕްރެސް
5 ޑިސެމްބަރު 2025 | ހުކުރު | 6:11
ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައި އޮތް 1.4 މިލިއަން ރުފިޔާގެ ދަރަންޏެއްގެ ތެރެއިން މިހާތަނަށް ނުދައްކާ އޮތް ހަތަރު ލައްކަ ރުފިޔާ ހަ މަސް ތެރޭގައި ދައްކަން ހުކުމްކޮށްފިއެވެ.
އަޝްފާގުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއްގެ ދެ ފްލޯއެއް ހެދުމަށް އޭނާ އާއި ވީބީ ސްޕޯޓްސް ކްލަބް ގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާ ދައްކާފައި ނުވާ މައްސަލައިގައި ސިވިލް ކޯޓުން އެންމެ ފުރަތަމަ ހުކުމްކޮށްފައިވަނީ 2015 ވަނަ އަހަރުގައެވެ. އެ މައްސަލާގައި އަޝްފާގާއި ވީބީގެ މައްޗަށް ވެސް ސިވިލް ކޯޓުން ވަނީ އެ ފައިސާ ހަ މަސް ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައެވެ.
ސިވިލް ކޯޓުގެ ހުކުމް އަޝްފާގުގެ ފަރާތުން ހައި ކޯޓުގަައި އިސްތިއުނާފުކޮށް، އެ ފައިސާ ހޯދަން ދައުވާ ކުރަންޖެހޭނީ ވީބީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކަމަށް ބުނެފައިވީ ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އަޝްފާގު އުފުލަންޖެހޭ ޒިންމާއިން އޭނާ އަށް ބަރީއަ ނުނެވޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓުން ވަނީ 2017 ވަނަ އަހަރު ސިވިލް ކޯޓުގެ ހުކުމަށް ތާއިދުކޮށްފައެވެ.