އެމްޑީޕީ މާޔޫސްވެފައި ތިއްބާ ނެރުނީ ކަމަށް ވިދާޅުވި އާޒިމް މައާފަށް އެދެން ޖެހޭ: މާރިޔާ

ދަޕްރެސް

8 ޑިސެމްބަރު 2025 | ހޯމަ | 5:20

2023ގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ އެމްޑީޕީ މާޔޫސްވެ ހުން އައިސް ރަޖާލައިގެން ތިއްބާ އެމްޑީޕީ ޓިކެޓުގައި މޭޔަރު ކަަމަށް ނިކުމެވަޑައިގެން އެމްޑީޕީގެ ރޫހު އަނބުރާ ނެރުއްވި ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވުމުން އެމްޑީޕީގެ ރީނދޫ ލަޝްކަރު އަރިހުން މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ ވިދާޅުވީ، އެމްޑީޕީ ހަރުގޭގައި އެ ޕާޓީގެ މެމްބަރުން ކުޑައިމީސްވާ ގޮތަށް އާޒިމް ދެއްކެވި ވާހަކައާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަަމަށެވެ. މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ އާޒިމް ރޭ ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވިދާޅުވީ ވެރިކަން ގެއްލި އެމްޑީޕީ މާޔޫސްކަމުގެ ރަޖާ ލައިގެން އެމްޑީޕީ އޮއްވައި ރަޖާގަނޑު ދަށުން ނިކުމެވަޑަިއގެން ހިތްވަރުކޮށްގެން މޭޔަރުކަމުގެ ގޮނޑި ހޯދައި ދެއްވީ އޭނާ ކަމަށެވެ.

އާޒިމް ދެއްކެވި ވާހަކައާ މެދު ނުރުހުން ފާޅުކުރައްވަމުން މާރިޔާ ވިދާޅުވީ، އެމްޑީޕީއަކީ 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާ ދިނުން ނޫން ގޮތެއް ނެތިގެން ވެރިކަމުން އިސްތިއުފާ ދިން ޕާޓީއެއް ކަަމަށާއި އެއީ ނަމަވެސް ކުރިމަތިވެދާނެ ނުރައްކަލަކަށް ބެލުުމެއް ނެތި ނިކުތް "ރީނދޫ ލަޝްކަރު" ކަމަށެވެ. އޭގެ ފަހުން 2013 ގައި ޕީޕީއެމް ވެރިކަމުގެ ދުވަސްވަރު ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތައް ޖަލަށް ލުމުން ވެސް ނިކިތީ އެ ރީނދޫ ލަޝްކަރު ކަމަށް މާރިޔާ ވިދާޅުވިއެވެ.

މައުޟޫޢުތަށް