އެލްޖީއޭއަށް ހުށަހެޅި މައްސަލަތައް ބެލުމަށްފަހު، ހޯރަފުށީ ކައުންސިލްގެ ރައީސް 3 މަހަށް ސަސްޕެންޑުކޮށްފި
ދަޕްރެސް
9 ޑިސެމްބަރު 2025 | އަންގާރަ | 10:11
ލޭންޑް ޔޫސް ޕްލޭނާ ހިލާފަށްހޯރަފުށީގެ ގޯތިތަކާ އިންވެގެން އޮންނަ ހުސްބިންތައް، އެ ގޯތިތަކަށް އިތުރުކޮށް ދީފައިވުމާ އަދި އިތުރު އެހެން މައްސަލަތަކާއި ގުޅިގެން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިއަދު ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅައިފައިވާ މައްސަލަތަކެއް ބަލުމަށް ފަހު ކައުންސިލުގެ ރައީސް މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށް، އިތުރު ކައުންސިލަރުންނަށް ނަސޭހަތް ދިނުމަށް ވަނީ ނިންމާފައެވެ. އެލްޖީއޭއިން ބުނީ ވަހީދު ސަސްޕެންޑުކުރަން ނިންމީ މައްސަލައިގެ ކުޑަބޮޑު މިނަށް ބަލުމަށް ފަހު ކަމަށާއި އެ ގޮތަށް ނިންމާފައި ވަނީ، އެލްޖީއޭ އަށް ހުށަހަޅާފައިވާ ޝަކުވާތަކާ އެކު، 8 މައްސަލައެއްގެ އިންކުއަރީއަކަށް ފަހުގައި ކަމަށެވެ.
އިންކުއަރީގައި އެލްޖީއޭއިން ބެލި މައްސަލަތަކަކީ ލޭންޑް ޔޫސް ޕްލޭނާ ޙީލާފަށް އެ ކައުންސިލުން ހޯރަފުށީގެ ގޯތިތަކާ އިންވެގެން އޮންނަ ހުސްބިންތައް، އެ ގޯތިތަކަށް އިތުރުކޮށްދިން މައްސަލައިގެ އިތުރުން 1446 ވަނަ އަހަރު އަޟްހާ އީދު ކުޅިވަރާ، ސްޓޭޖު ލައިޓާ، ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވައިދާ ހިފަށް ކައުންސިލުން ހަރަދުކޮށްފައިވުމެވެ. އަދި ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑު ކޮމިޓީގައި ތިބޭ ކަމަށް ބުނެ، އެލްޖީއޭއަށް ހުށަހަޅާފައިވާ މައްސަލައިގެ އިތުރުން މައުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައޫލޫމާތު ހޯރަފުށީ ކައުންސިލުން ފޯރުކޮށްނުދޭ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ.