ހަގީގީ މާނާގައި ކައުންސިލުތައް ހިންގުމަށް، އެންމެ މުހިންމު ކަމަކީ އިންޓާނަލް އޮޑިޓްގެ ރަނގަޅުވުން: އާދަމް ޝަރީފް
ދަޕްރެސް
9 ޑިސެމްބަރު 2025 | އަންގާރަ | 3:37
ހަގީގީ މާނާގައި ކައުންސިލުތައް ހިންގުމަށް ޓަކައި އެންމެ މުހިންމު އެއް ކަމަކީ އިންޓާނަލް އޮޑިޓްގެ ރަނގަޅުވުން ކަމަށް މިނިސްޓާ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގައި މިއަދު ފެށި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން ކުރިއަށް ގެންދާ ލޯކަލް ކައުންސިލްސް އިންޓާނަލް އޮޑިޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އެ ކޮންފަރެންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ކައުންސިލުތަކުން ކުރެވޭ މަސައްކަތްތަކަކީ ހަރުދަނާ، މީހުން ބަލައިގަންނަ އަދި އިތުބާރުކުރާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި އިންޓާނަލް އޮޑިޓަކީ ވަރަށް މުހިންމު ކަމެއް ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކުން ދޭ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި އިންޓާނަލް އޮޑިޓްގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް ފިޔަވަޅެއް އަޅަމުންދާއިރު ހެދިދާނެ ގޯހަކުން ސަލާމަތްވެ ރައްކާތެރިވުމަށްޓަކައި ދުރާލާ ކުރަންޖެހޭ ކަންތައްތަކަށް މަގުފަހިކުރުން ކަމަށެވެ. ހަގީގީ މާނާގައި ކައުންސިލްތަކަށް ވިޔަސް އަދި އެހެން މުއައްސަސާއެއް ކަމުގައި ވިޔަސް އޭގެ ޒާތުގައި އެންމެ ރަނގަޅަށް މުއައްސާސައެއް ހިނގަމުން ދާއިރު ބޭނުންވާނެ އެއް ނިޒާމަކީ އިންޓާނަލް އޮޑިޓް ރަނގަޅުވުންކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.