މޫދު ކޮށި ފައިނޭންސް ކޮށްދިނުމަށް މެރިކަލްޗާ ސްކީމް ތައާރަފުކޮށްފި
ދަޕްރެސް
10 ޑިސެމްބަރު 2025 | ބުދަ | 12:20
މެރިކަލްޗާ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް ފައިނޭންސް ފޯރުކޮށްދިނުމަށް މެރިކަލްޗާ ސްކީމް ތައާރަފްކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގައި މެރިކަލްޗާ ސނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ޕިޝަރީސް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ފޯރުކޮށްދޭ މާލީ އެހީތެރިކަމެކެވެ. މި ފައިނޭންސިންގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 80،000 ރުފިޔާއިން 640،000 ރުފިޔާ އާއި ހަމައަށެވެ. މި ފެސިލިޓީ އަބުރާ ދެއްކުމަށް ގިނަވެގެން 6 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާއިރު 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދިނުމަށް ވަނީ ހަމަޖެހިފައިެވެ.
މި ސްކީމާ ގުޅޭ ގޮތުން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ މިއީ މެރިކަލްޗާ ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ދިނުމުގެ ގޮތުން ތައާރަފްކުރި ސްކީމެއް ކަމަށެވެ. ފަސޭހަ އަދި ލުއި ގޮތެއްގައި މޫދުކޮށިތަކަށް ފައިނޭންސް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް މުހިއްމު މާލީ އެހީތެރިކަމެއްކަމުގައި އޭނާ ފަހަގަކުރެއްވިއެވެ.