މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ހެދި ފުރަތަމަ ފިއުލް ސްކިޑް ހުޅުވައިފި

ދަޕްރެސް

13 ޑިސެމްބަރު 2025 | ހޮނިހިރު | 1:22

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ގާއިމުކުރި ފުރަތަމަ ފިއުލް ސްކިޑް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މި ފިއުލް ސްކިޑް ހުޅުއްވައިދެއްވާފައިވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ރ. ދުވާފަރަށް ވަޑައިގެންނެވެ.

އެގޮތުން ރައީސްއޮފީހުން ބުނީ މި ފިއުލް ސްކިޑަކީ، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވަވާ، އެކަންކަމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެކިއެކި ހައްލުތައް ހޯއްދަވައިދެއްވުމުގެ ގޮތުން، ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރެވިފައިވާ ފިއުލް ސްކިޑެއް ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން 18 ފިއުލް ސްކިޑެއް ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށާއި، ސަރުކާރުން އިއުލާނުކުރި ހުރިހާ ރަށެއްގައި އަންނަ މާޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑް ގާއިމުކުރެވޭނެކަމަށް ރައީސްއޮފީހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް