ދަރިވަރުން ބެލެހެއްޓުމުގައި، އައްޑޫ ހައި ސްކޫލުގެ މެނޭޖްމަންޓު ވަނީ ފެއިލްވެފަ: ޓީޗަރުންގެ އެސޯސިއޭޝަން
ދަޕްރެސް
13 ޑިސެމްބަރު 2025 | ހޮނިހިރު | 10:07
އައްޑޫ ހައި ސްކޫލުގެ ދަރިވަރުން ބެލެހެއްޓުމުގައި، އެ ސްކޫލުގެ މެނޭޖްމަންޓު ފެއިލްވެފައިވާކަމަށް ޓީޗަރުންގެ އެސޯސިއޭޝަނުން ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހު އައްޑޫ ހައި ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ވަނީ ގިނަ ވީޑިއޯތަކެއް އާއްމުވެފައިވާއިރު އެ މައްސަލައިގައި ދަރިވަރާ، ޓީޗަރު ވެސް މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ. އަދި ޓީޗާރު މިހާރު މާލެ ގެނެސްފައިވާއިރު މިކަމާއި ގުޅިގެން މިއަދު ޓީޗަރުންގެ އެސޯސިއޭޝަނުން ވަނީ ބަޔާނެއް ނެރެފައެވެ.
މި ބަޔާނުގައި ބުނެފައިވަނީ އެ މާރާމާރީ ހިނގާފައިވަނީ ދަރިވަރު، ފޯނު މެދުވެރިކޮށް ކްލާސް ސްކްރީންގައި އަޅުވާފައިވާ ބޭއަދަބީ މަންޒަރަކާއި ގުޅިގެން ޓީޗަރު ފޯނު ހޯދަން އުޅުމުން ކަމަށެވެ. އެއް ދަރިވަރެއްގެ ހައްގު އޮންނަ ފަދައިން ކްލާސްރޫމްގައި ތިބި ބާކީ ދަރިވަރުންގެ ހައްގުވެސް އޮންނާނެ ކަމަށް މި ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އަދި ދަރިވަރުންގެ ހައްގުގައި ތެދުވާ ޓީޗަރަކު ބަދުނާމުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ދިމާވާ މިފަދަ މައްސަލަތައް ރަނގަޅަށް ނުބެލުމުގެ ސަބަބުން ޓީޗަރަށް އަދަބު ދެވިފައިވާ ކަމަށެވެ. އަދި މިފަދަ ސަބަބުތަކާ ހެދި، ތައުލީމީ ދާއިރާއަށް ލޯބިކުރާ އެތައް ޓީޗަރުންނެއް ދާއިރާ ދެކެ ފޫހިވެ، ދާއިރާ ދޫކޮށް، ދިޔުމުގެ ސަބަބުން އެތައް ކުދިންނެއްގެ ކިޔެވުމަށް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ.