މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށް، މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮ ކޮށްފި
ދަޕްރެސް
14 ޑިސެމްބަރު 2025 | އާދިއްތަ | 9:01
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮ ކޮށްފިއެވެ.
މީގެ ކުރިން މަސް ގަންނަ އަގު ކިލޯއެއް 16 ރުފިޔާގެ ރޭޓް ކަނޑައަޅާފައި ވަނީ ދޮޅު ކިލޯއަށް ވުރެ ބަރުކޮށް ހުންނަ މަހަށެވެ. ނަމަވެސް މިހާރު މިފްކޯއިން މަސް ގަންނަ އުސޫލަށް ގެނައި ބަދަލާއެކު، 1 ކިލޯއިން މަތީގެ ހުރިހާ މަހަކަށް ވެސް ކިލޯއެއް 16 ރުފިޔާގެ ރޭޓުން ފައިސާ ލިބޭނެއެވެ.
މަސް ގަންނަ އުސޫލަށް ގެނައި ބަދަލާއެކު، އައިސް އެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް މިއަދުން ފެށިގެން ގަންނާނީ 16 ރުފިޔާއަށެވެ. ހަމައެއާއެކު އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯ ގަންނަ އަގަކީ 14 ރުފިޔާއެވެ. ނަމަވެސް 15 ކިލޯއަށް ވުރެ ބަރު ކަންނެލި ގަންނަ އަގަކީ ކިލޯއެއް 18 ރުފިޔާއެވެ. މިފްކޯއިން ބުނާ ގޮތުގައި މި ބަދަލުތައް ގެނައުމުގެ މަގްސަދަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދާ ދިނުމެވެ.