ފުލުހުން އެންމެ އިސްކަންދޭންޖެހެނީ ރައްޔިތުން އެދޭ މިންވަރަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް: އިހްސާން
ދަޕްރެސް
16 ޑިސެމްބަރު 2025 | އަންގާރަ | 12:39
ތަމްރީނަށްފަހު ފުލުހުންގެ ހިދުމަތާ، ގުޅޭ އޮފިސަރުންވެސް އެންމެ އިސްކަމެއްދޭންވާނީ ރާއްޖޭގައި ކުރާ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތްކޮށް، ރައްޔިތުން އެދޭ މިންވަރަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
41ވަނަ ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމުގެ ނިންމުން ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އެދެނީ ރާއްޖޭގެ ކޮންމެ ރަށަކީ ނުވަތަ ކޮންމެ އަނދިރި ހިސާބަކީ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަ ތަނަކަށް ވެފައި އޮތުމުގެ ޔަގީންކަން ކަމަށެވެ.
ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަމުން އަދި ރާއްޖޭގެ ދުސްތޫރު ނަގަހައްޓަމުން އަންނަ މުއައްސަސާއެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ މުއައްސަސާއަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައްޓަންވެފައި އޮންނަ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަމުގައެވެ.