ލާމަރުކަޒީ ނިޒާމަށް ދޭ އިހްތިޔާރާއި ބާރު ރައްޔިތުން ބަލައިގަންނަ ކަން ހާމަވެއްޖެ: އިހުސާން
ދަޕްރެސް
17 ޑިސެމްބަރު 2025 | ބުދަ | 6:07
ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ދޭ އިހްތިޔާރާއި ބާރު ރައްޔިތުން ބަލައިގަންނަ ކަން ހާމަވެއްޖެ ކަމަށާއި ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ޕީއެންސީން ދައްކަމުން ދަނީ ނަމޫނާ މިސާލެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ޕީއެންސީ ޕްރައިމަރީއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެ ޕާޓީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އިހްސާންގެ ވާހަކައިގައި ވަނީ ކުރިއަށް އޮތް ޕްރައިމަރީގައި ގިނަ އަދަދެއްގެ މެންބަރުން ވާދަކުރާ ކަން ހާމަކުރައްވައި މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ މެންބަރުން ވާދަކުރާނެ އިންތިހާބުގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.
ޕީއެންސީ ޕްރައިމަރީގައި މިހާ ގިނަ މެންބަރުން ވާދަކުރަމުން ދިއުމުން އެނގެނީ ރާއްޖޭގައި މި ވަގުތުގައި ސިޔާސީ މަސްރަހުގައި އެކްޓިވްކޮށް އުޅޭ ސީޔާސީ ޕާޓީތަކުގެ ތެރެއިން ޕީއެންސީން ލާމަރުކަޒީ ނިޒާމަށް ދޭ އިސްކަމާއި، ލާމަރުކަޒީ ނިޒާމަށް ދީފައިވާ ބާރާއި އިހްތިޔާރު ރައްޔިތުންނާއި ޕާޓީގެ މެންބަރުން ބަލައިގަންނަ ކަން ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމަށް ގެންނަމުންދާ ހެޔޮ ބަދަލުތައް ވެސް ރައްޔިތުންނާއި މެންބަރުން ބަލައިގަންނަމުންދާ ކަން އެކަމުން ދޭހަވާ ކަމަށް އިހުސާން ވިދާޅުވިއެވެ.