ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ހަރުދަނާ ކުރުމަށް ޔޫނިއަންޕޭ އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދަޕްރެސް

18 ޑިސެމްބަރު 2025 | ބުރާސްފަތި | 2:38

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ހަރުދަނާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން އެބޭންކާ، ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން، ޔޫނިއަންޕޭ ކާޑު މެންބަރުންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ޕްރޮމޯޓުކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން ރާއްޖޭގެ ތަފާތު މުހިންމު ކަންކަން ފާހަގަކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރު ކުރުމަށް މަސައްކަތް ކުރާނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ޔޫނިއަންޕޭ ކާޑުތަކުން ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސާފައިވާއިރު މި ސެޓްލްމެންޓް ފްރޭމްވޯކަކީ ޔޫނިއަންޕޭ އާއެކު މިހާރަށްވުރެ ވަރުގަދަ ގުޅުމެއް ބިނާކުރުމަށް އެޅޭ ބިންގަލެއްކަމުގައި ބީއެމްއެލް އިން ވަނީ ބުނެފައެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިފަދަ މުހިންމު ޕްރޮޖެކްޓެއްގައި ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސްއާއެކު ބައިވެރިވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

މައުޟޫޢުތަށް