ޝަމްއާންގެ ބަންދު ދަމަހައްޓާ ހެކިބަސް ނިމުމުން ލުއި ދެވޭތޯ ބަލަނީ
ދަޕްރެސް
18 ޑިސެމްބަރު 2025 | ބުރާސްފަތި | 5:16
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދު މިވަގުތު ބަންދުން ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.
ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރަނީ މިދިޔަ 22 މާޗުގައެވެ. ޝަމްއާންގެ އިތުރުން މި މައްސަލައިގައި ތ. ބުރުނި، މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލް، މ. ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަހްމަދު ލައްސާން، ގ. ހެޕީސައިޑް އުމުރުން 37 އަހަރުގެ އިބްރާހިމް އަހްމަދު އަދި ހަމައެގޭ އުމުރުން 47 އަހަރުގެ ހަސަން ސަހެޝާންވެސް ވަނީ ހައްޔަރުކޮށްފައެވެ.
ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެވެ.