93 ބައިވެރިންނާއެކު ނެޝަނަލް ޔޫތު ކޮންފަރެންސް ފަށައިފި

ދަޕްރެސް

22 ޑިސެމްބަރު 2025 | ހޯމަ | 9:54

ރާއްޖޭގެ އެކި ކަންކޮޅުތަކުން 93 ޒުވާނުން ބައިވެރިވާ ނެޝަނަލް ޔޫތު ކޮންފަރެންސް 2025 މިއަދު ފަށައިފިއެވެ. ޔޫތު ހަބްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޔޫތު ކޮންފަރެންސް ފައްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ، މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި ދިގު މާޒީއަކަށްފަހު ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިސްނަގައިގެން ގައުމީ ފެންވަރެއްގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަކުން ޒުވާނުން ގެނެސް ޒުވާނުންނަށް ގައުމުގައި ފާހަގަކުރެވޭ ކަންކަމަށް އެއްތަނެއްގައި ތިބެ މަޝްވަރާކޮށް ސައްލާކޮށްލުމަށް ފުރުސަތު ލިބިގެންދާ ދުވަސް ކަމަށެވެ.

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި ޔޫތު މިނިސްޓްރީ ގުޅިގެން ބާއްވާ މިކޮންފަރެންސް ކުރިއަށް ދާނީ މިއަދާއި މާދަމާރޭގެ ނިޔަލަށެވެ. މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވެއެވެ. މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލެއް ހޯދުމާއި، ޒުވާނުންގެ ގައުމީ ސިޔާސަތެއް އުކުލަވާލުމަށްޓަކައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތް ކޮށްދިނުމެވެ. މިގޮތުން ޖުމްލަ 6 މަޢުޟޫއަކަށް ބަހާލައިގެން މިކޮންފަރެންސްގައި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މައުޟޫޢުތަށް