ގްރޭޑް 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ގެންދިއުން މަނާ، 11 ،12ގެ ކުދިންގެ ކިޔަވާ ގަޑީގައި ފޯނު ލޮކަރަށް!
ދަޕްރެސް
22 ޑިސެމްބަރު 2025 | ހޯމަ | 10:46
ކުރިއަށް އޮތް ދިރާސީ އާ އަހަރުގައި، ގްރޭޑް 10 އިން ދަށުގެ ކްލާސްތަކުގައި ކިޔަވާ ކުދިންނަށް ސްކޫލަށް ފޯނު ނުގެންދެވޭ ގޮތަށް އޮންނަ އޮތުން ހަރުކަށިކޮށް، ގްރޭޑް 11 އަދި 12 ގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދެވުނަސް ކްލާސްގަޑީގައި އެ ކުދިންގެ ފޯނުތައް ބޭނުންނުކުރެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ، ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދަރިވަރުން ސްކޫލަށް ފޯނު ގެންދާ މައްސަލައިގެ ޝަކުވާތައް ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.
މިހާރުވެސް ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުމަކީ މަނާކަމެއް ކަމުގައިވާއިރު ރައީސް ވިދާޅުވީ އެކަން އިމްޕްލިމެންޓު ނުކުރެވި އެ މައްސަލަ ބޮޑުުވަމުން އަންނަކަމަށެވެ. އެހެންކަމުން އަންނަ އަހަރުން ފެށިގެން ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ނުގެންދެވޭ ގޮތަށް އޮންނަ އޮތުން އިމްޕްލިމެންޓް ކުރަން ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.