ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ފާހަގަކޮށްފައިވާ ކަންތައްތައް ހައްލު ކޮށްދޭނަން: ރައީސް
ދަޕްރެސް
23 ޑިސެމްބަރު 2025 | އަންގާރަ | 5:00
ޓެކްސީ ޑްރައިވަރުންނާ، ޓެކްސީ ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތައް ޝާމިލްވާގޮތަށް، ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ފާހަގަކޮށްފައިވާ ކަންތައްތައް ހައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ، ޓެކްސީގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާއި، މި ހިދުމަތް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި އެސޯސިއޭޝަނުން ހުށަހަޅާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީ ކުރުމާއި ޕާކު ކުރުން ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އަދި މާލޭގެ ޓްރެފިކް މައްސަލަތައް މަދުކުރުމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.