އެކްސިޑެންޓްތަކުން އަނިޔާ ލިބޭ މީހުންނަށް ބަދަލުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ފުލުހުން ނަގައިދީފި
ދަޕްރެސް
23 ޑިސެމްބަރު 2025 | އަންގާރަ | 5:05
މަގުމަތީގެ އެކްސިޑެންޓްތަކުގައި އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 4،437،257.87 ރުފިޔާ ފުލުހުން މެދުވެރިވެގެން ނަގައިދީފައިވާ ކަމަށާއި މިކަން ކޮށްފައިވަނީ އެކްސިޑެންޓުގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް ވާހަކަ ދައްކައި އެއްބަސްވެ އަދި ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ފަސީހް ވިދާޅުވެއްޖެއެވެ.
މާލެ ޕޮލިސްގައި ހިމެނޭ ބަހާތަކުން ކުރަމުންދާ މަސައްކަތްތަކާއި އާ އަހަރާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަސީހް ވިދާޅުވީ، މާލެ އަދި ބުރިޖް ހައިވޭ ހިމެނޭހެން މި އަހަރުގެ މިހާތަނަށް 2217 މައްސަލައެއް ހުށަހަޅައި، މިހާތަނަށް 2327 މައްސަލަ ނިންމާފައިވާ ކަމަށެވެ.
މީގެ ތެރެއިން ބުރިޖު އަދި ހައިވޭގައި ހިނގި އެކުސިޑެންޓް މައްސަލަތަކުގެ އަދަދަކީ 355 ކަމަށާއި ނިންމުނު މައްސަލަތަކުގެ ތެރެއިން، އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި 4،437،257.87 ރުފިޔާ ޓްރެފިކް ފުލުހުން މެދުވެރިވެގެން ނަގާދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ފާއިތުވެ ދިޔަ އަހަރާ އަޅައިބަލާއިރު 76.09 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ފަސީހް ވިދާޅުވިއެވެ. އަދި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 270 މައްސަލައެއްގައި އިންޝުއަރެންސް ރިޕޯޓު ދޫކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.