ބޭސް ނުލިބޭ މައްސަލަ: އާސަންދަ އަދި އެސްޓީއޯގެ ކަމާބެހޭ ފަރާތްތައް މަޖިލީހަށް ހާޒިރުކުރުމަށް އެދިއްޖެ
ދަޕްރެސް
23 ޑިސެމްބަރު 2025 | އަންގާރަ | 5:03
ބޭސް ލިބުން ދަތިވާ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް އާސަންދަ އަދި އެސްޓީއޯގެ ކަމާބެހޭ ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންދިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި މި ސިޓީގައި މުހައްމަދު އިބްރާހިމް ވިދާޅުވީ ވޭތުވެދިޔަ އަހަރުން ފެށިގެން ޑޮކްޓަރުން ދޭ ބޭސް އަމިއްލަ ފާމަސީތަކުން އާސަންދައިގެ ދަށުން ނުލިބުމުގެ އިތުރުން އެފަދަ ބޭސް އެސްޓީއޯއިން ގަންނަން ނުލިބޭ މައްސަލަ އާންމުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ ކަމަށެވެ.
އެގޮތުން އެންމެ ކަންބޮޑުވާ ކަމަކަށް ވަނީ ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށްވެސް ރާއްޖޭ ނުލިބޭ މައްސަލަ ކަމަށާއި ހާއްސަ ގޮތެއްގައި އުމުރުން ދުވަސްވީ މިހުންނާއި އަދި ދިގުމުއްދަތަކަށް ބޭސް ނަގަމުންދާ ފަރާތްތަކަށް ބޭނުންވާ ބޭސް ނުލިބޭކަން ފާހަގަކުރެވޭ ކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.