ޖެނުއަރީ 1 އިން ފެށިގެން ގަރާޖް ޕާމިޓް ހުށަހަޅަން ނުޖެހޭ ގޮތަށް ލުއި ދީފި
ދަޕްރެސް
24 ޑިސެމްބަރު 2025 | ބުދަ | 2:01
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ލުއި ގޮތް ތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން އަންނަ ޖެނުއަރީ މަހުން ފެށިގެން އުޅަނދު ރަޖިސްޓްރީ ކުރަން ގަރާޖު ޕާމިޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސާފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އުޅަނދު ރަޖިސްޓްރީކުރުމަށް ގަރާޖު ޖާގައެއް އޮތުން ލާޒިމު ނަމަވެސް އިދާރީ ގޮތުން ގަރާޖާ ގުޅޭގޮތުން ހުށަހަޅަން ޖެހޭ ލިޔުންތައް އާންމުންނަށް ފަސޭހަ ކުރުމުގެ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން މިހާރު ހުށަހަޅަމުން އަންނަ ލިޔުންތަކަކީ މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ (އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ) އާއި މާލޭ ސިޓީ ކައުންސިލުން ނުވަތަ އެޗްޑީސީން ދޫކުރާ ވެހިކަލް ގަރާޖު ކުރުމުގެ ހުއްދަ (ވެހިކަލް ގަރާޖު ޕާމިޓް) އަދި ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަންއެވެ.