ގަވާއިދާ އެއްގޮތަށް އުޅޭ ވަޒީފާއެއް ނެތް ބިދޭސީންނަށް ވަޒީފާ ހޯދައިދެނީ
ދަޕްރެސް
24 ޑިސެމްބަރު 2025 | ބުދަ | 9:19
ގަވާއިދާ އެއްގޮތަށް ދިވެހިރާއްޖޭގައި އުޅޭ ވަޒީފާއެއް ނެތް ބިދޭސީންނަށް ވަޒީފާ ހޯދައި ދިނުމަށް ޕްރޮގްރާމެއް ހިންގުމަށް ހޯމް މިނިސްޓްރީއިން ނިންމައިފިއެވެ.
ވަކި ޝަރުތުތަކެއް ހަމަވާ ބިދޭސީންނަށް "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް"ގެ ދަށުން "ލީގަލައިޒް" ވުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 2 ވަނަ ދުވަހާ ހަމައަށް ހުޅުވާލާނެ ކަމަށް ހޯމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ހޯމް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް"ގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންގެ "ޖޮބް މެޗިން" މަސައްކަތްތައް ކުރުމަށް ހޯމް މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ.