ބައިނަލްއަގްވާމީ މައްސަލަތަކުގައި ރާއްޖެއިން ކުރިއަށް ދާނީ ވަކި ފަޅިއަކަށް ބުރަނުވެ ކަމަށް ރައީސް ވިދާޅުވެއްޖެ
ދަޕްރެސް
25 ޑިސެމްބަރު 2025 | ބުރާސްފަތި | 10:22
ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި ރާއްޖެއިން ކުރިއަށް ދާން އިހުތިޔާރު ކުރާ މަގަކީ އިނގިރޭސިވިލާތުން ދައްކަމުން އަންނަ ނަމޫނާ، ވަކި އަތަކަަށް ބުރަނުވެ، ވަކި ފަޅިއެއް ނުނަގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތުގެ ކޮންޒަަވޭޓިވް ފިކުރުގެ އެންމެ ބޮޑު އެއް ނޫސްކަމުގައިވާ "ދި ޑެއިލީ ޓެލެގްރާފް" ނުވަތަ "ދި ޓެލެގްރާފް" ގައި އާންމުކުރި އެމަނިކުފާނުގެ ލިޔުއްވުމެއްގައެވެ. އެ ލިޔުއްވުން ފައްޓަވާފައި ވަނީ ވެރިރަށް މާލެ ސިފަފުޅު ކުރައްވަމުންނެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ ގުޅުވައިދޭ ބުރިޖާއި ހައިވޭއަކީ ޗައިނާއިން ރާއްޖެއަށް ދިން އެހީތެރިކަމުގައި ބިނާކޮށްފައިވާ އަގުހުރި ބިނާރެއް ކަމަށާއި މާލޭގެ އަނެއްކޮޅުގައި އިންޑިޔާގެ އެހީތެރިކަމާއެކު ޖެހިގެން އޮތް ތިން ރަށް ގުޅުވާލުމަށް ބުރިޖެއް ތަރައްގީ ކުރަމުންދާ މަންޒަރު ފެންނާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
21 ވަނަ ގަރުނުުގެ އެންމެ ވާދަވެރި ބޮޑު ދެ ބާރުން ރާއްޖޭގެ ވެރި ރަށުގައި ހިންގަމުންދާ މި ބޮޑު ދެ މަޝްރޫއަކީ ފަތުރުވެރިން ދެކެން ބޭނުންވާ ހިތްގައިމު ގޮނޑުދޮށްތަކަށް ނުދެވާނެ ކަމަށް އެމްނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މިއީ ދިވެހިންނަށްޓަކައި ދިވެހި ދައުލަތުން ތަރައްގީ ކުރަމުންދާ ހައިޓެކް ރާއްޖެއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމެއް ކަމުގައި ވީ ނަމަވެސް މިއީ ޖިއޯޕޮލިޓިކްސްގެ ފައިދާ ރާއްޖެއަށް ހޯދި ދާނެ ކަމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.