13 އަހަރުގެ ކުއްޖާ މަރާލި 17 އަހަރުގެ ކުއްޖާ 16 އަހަރަށް ބަންދުކުރަން ހުކުމްކޮށްފި
ދަޕްރެސް
25 ޑިސެމްބަރު 2025 | ބުރާސްފަތި | 11:12
މީގެ ހަތަރު އަހަރާއި 6 މަސް ކުރިން މަރާލާފައި ފޮއްޓަކަށްލާފައި އޮއްވާ ހުޅުމާލެ ފޭސް 2 އިން ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގައި ތުހުމަތުވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، ޖޫން 2، 2021 ދުވަހުގެ ދަންވަރު 02:00 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލާގައި، ކުއްޖާ މަރާލިކަމަށް ތުހުމަތު ކުރެވުނު 17 އަހަރުގެ ކުޑަކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން މި މަހުގެ 23 ވަނަ ދުވަހު ހުކުމް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ގަސްދުގައި މީހަކު މެރުމާއި، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާތައް ސާބިތުވާ ކަމަށް އެ ހުކުމްގައި ވެއެވެ.
އެ ހުކުމުގައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާ 10 މަހާއި 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް އަމުރުކޮށްފައި ވެއެވެ. ހުކުމް ކުރުމުގެ ކުރިން ބަންދުގައި އޭނާ ހޭދަކުރި 4 އަހަރާއި 6 މަހާއި 2 ދުވަސް އުނިކުރުމުން ދެން އޭނާ ތަންފީޒު ކުރަންޖެހޭ މުއްދަތަކީ 12 އަހަރާ 4 މަހާއި 5 ދުވަސް ކަމުގައި ކަނޑައަޅައި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް އެ ކޯޓުން އަމުރުކޮށްފައި ވެއެވެ.