ކުރިއަށް އޮތް 2 އަހަރު ތެރޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދޭން ނިންމައިފި
ދަޕްރެސް
25 ޑިސެމްބަރު 2025 | ބުރާސްފަތި | 1:56
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ކުރިއަށް އޮތް 2 އަހަރު ތެރޭ ބޮޑެތި ލުއިތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރައީސްގެ މި ނިންމެވުން އިއުލާން ކުރައްވާފައެވެ.
ދާދި ފަހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައި ރައީސް ވަނީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކުގެ ވާހަކަ އަޑުއައްސަވާފައެވެ. ސައީދު ވިދާޅުވީ އެއާއެކު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކުރިއަށް އޮތް 2 އަހަރަކީ، ކުދި ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ހަމަޖައްސާފައިވާ ދެ އަހަރުގެ ގޮތުގައި ނިންމަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިން ހިއްސާ ކުރި ގިނަ ކަންތައްތަކުގެ އިތުރަށް ވެސް އިތުރު ކަންކަން ހިމެނޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.