ހުޅުމާލޭ ފޭސް 2ގައި ފޮތް ކިޔުމަށް ހާއްސަކޮށް "ރީޑިން ނުކް" އެއް ގާއިމްކޮށްފި
ދަޕްރެސް
26 ޑިސެމްބަރު 2025 | ހުކުރު | 8:11
ހުޅުމާލޭ ފޭސް 2ގައި ފޮތް ކިޔުމަށް ހާއްސަކޮށް "ރީޑިން ނުކް" އެއް ގާއިމްކޮށްފި އެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކު، ރުއްގަނޑު 3 ސަރަހައްދުގައި ފޮތް ކިޔުމަށް ހާއްސަކޮށް "ރީޑިން ނުކް" އެއް ގާއިމްކޮށްފައިވާކަމަށާއި، މިއީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން، އެ ސަރަހައްދުގައި ތިބެގެން ހިތްހަމަޖައްސާލައި ފޮތް ކިޔޭނެ މަގުފަހިކުރުމަށް ގާއިމުކުރެވުނު ތަނެއް ކަމަށެވެ.
ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށްވެސް އެކަށީގެންވާ ދިވެހި އަދި އިނގިރޭސި ފޮތްތައް މި ނުކްއިން ލިބެން ހުންނާނެކަން ފާހަގަކޮށް އެޗްޑީސީން ބުނީ އެއް އަހަރާއި ހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތަކާއި، ހަ އަހަރާއި ދިހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތަކުގެ އިތުރުން ޓީން ފިކްޝަން ފޮތްތައްވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި ވެހި ބަސް އުނގެނުމަށް ހާއްސަ ފޮތްތައް، އަދި ކެއްކުމާއި ލައިފްސްޓައިލްގެ އިތުރުން ދީނީ ފޮތްތައްވެސް ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.