މަސްޖިދުލް ހަރަމްގެ އެންމެ މަތީ ބުރިން ފުންމާލި މީހާ ސަލާމަތް ކުރި އޮފިސަރަށް ތައުރީފް އޮހެނީ!
ދަޕްރެސް
27 ޑިސެމްބަރު 2025 | ހޮނިހިރު | 5:18
މައްކާގައި ހުންނަ "މަސްޖިދުލް ހަރާމް" އަށް އަޅުކަން ކުރުމަށް ގޮސް އުޅުނު މީހުންގެ ތެރެއިން އަމިއްލަ ފުރާނަ ދުއްވާލަން އެ މިސްކިތުގެ އެންމެ މަތީ ފަންގިފިލާ އިން ފުންމާލި މީހަކު ސަލާމަތް ކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ އިދާރާތަކަށް ހަވާލާދީ ދުބާއީގެ ނޫހެއް ކަމަށްވާ ހަލީޖް ޓައިމްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގި އިރު އެތަނުގައި ހުރި ސެކިއުރިޓީ އޮފިސަރަކު ވަނީ އެމީހާ ސަލާމަތްކޮށްފައި ކަމަށެވެ. އަދި އޭނާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެމީހާއަށް އަނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ. ހަމައެއާއެކު އެ ދެމީހުންނަށް ވެސް ދޭންޖެހޭ ސިއްހީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ.
އަމިއްލަ ފުރާނައަށް ގެއްލުން ދިނުމަށް ފުންމާލި މީހާ ސަލާމަތް ކުރި ސެކިއުރިޓީ އޮފިސަރަކީ ރައްޔާން ބިން ސައީދު އަލް އަސީރި ކިޔާ މީހެކެވެ. އެމީހާގެ ފޮޓޯއެއް "ހަރަމައިން" އެކައުންޓުން އެކްސްގައި ޕޯސްޓް ކުރަމުން ބުނެފައި ވަނީ، "މާތް ﷲ އޭނާގެ މަސައްކަތް ބަލައިގަނެ އޭނާއަށް އަވަސް ޝިފާއެއް ދެއްވާށި"، މިހެންނެވެ.