ވިޔަފާރިތަކަށް ދޭން ނިންމާފައި އޮތް ލުއިތައް ޖެނުއަރީ 1 ފެށިގެން ތަންފީޒުކުރަން ފަށާނެ: ރައީސް
ދަޕްރެސް
28 ޑިސެމްބަރު 2025 | އާދިއްތަ | 11:53
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ކުރިއަށް އޮތް 2 އަހަރު ތެރޭ ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައި އޮތްއިރު، ބައެއް ލުއިތައް ޖެނުއަރީ 1 ފެށިގެން ތަންފީޒުކުރަން ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައި ރައީސް ވަނީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކުގެ ވާހަކަ އަޑުއައްސަވާފައެވެ. މިކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު ގައި ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން މިދިޔަ ބުދަ ދުވަހު ކެބިނެޓުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކުރިއަށް އޮތް 2 އަހަރަކީ، ކުދި ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ހަމަޖައްސާފައިވާ ދެ އަހަރުގެ ގޮތުގައި ނިންމަވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބައެއް ކަންކަން ޖެނުއަރީ 1، 2026 އިން ފެށިގެން ތަންފީޒު ކުރަން ފަށާނެކަމަށާއި، މި ކަމުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިއުލާން ކުރަމުން ދާނެކަމަށެވެ.