ކ. ހުރާ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި
ދަޕްރެސް
29 ޑިސެމްބަރު 2025 | ހޯމަ | 7:16
ކ. ހުރާ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހުރާގައި ބާއްވައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އާއި، ހުރާ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީ އިން ބުނީ، މި މަޝްރޫއުގެ ދަށުން، 15,650 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 16 އެނދުގެ ސިއްހީ ހިދުމަތް ދޭ މަރުކަޒެއް ހަދާނެ ކަމަށާއި މިއިން ކޮންމެ ފަންގިފިލާއެއްގައި 7825 އަކަފޫޓު ހުންނާނެ ކަމަށެވެ. މި މަޝްރުއުގެ ދަށުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތާއި، މޭސަނަރީ މަސައްކަތާއި، ޓައިލްސް ޖެހުމުގެ މަސައްކަތާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތާއި، ދަވާދު ލުމާއި، ހައިޑްރޯލިކްސް އަދި ޑްރޭއިނޭޖްގެ މަސައްކަތާއި، ކަރަންޓު ވަޔަރުކުރުމާއި، މެޑިކަލް ގޭސް ސިސްޓަމެއް ބެހެއްޓުމާއި، އެއާ ކޮންޑިޝަން ހަރުކުރުމާއި، އަލިފާން ނިއްވުމާ ބެހޭ ސާމާނު ހަރުކުރުން ހިމެނެއެވެ.