އާމްދަނީ އިތުރުވެ، ޕީއެސްއައިޕީ މަޝްރޫއުތަކުގެ މަސައްކަތް ހަލުއިވާން ފަށައިފި
ދަޕްރެސް
31 ޑިސެމްބަރު 2025 | ބުދަ | 2:49
ފަތުރުވެރިކަމުގެ ދާއިރާގެ ތަކެއްޗާ ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިތުރުވުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ހަލުއިވާން ފަށާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ޑިސެމްބަރު 18، 2025 ގެ ނިޔަލަށް، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ 36.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، 2024 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 33.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.8 ބިލިއަން ރުފިޔާ ނުވަތަ 11.5 އިންސައްތައިގެ އިތުރުވުމެކެވެ.
މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ޓީޖީއެސްޓީ ގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައި ހިއްސާކުރަނީ ޓީޖެއެސްޓީއަށެވެ. އެގޮތުން ޓިޖީއެސްޓީގެ ގޮތުގައި 10.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.3 ބިލިއަން ރުފިޔާ ނުވަތަ 15.1 އިންސައްތައިގެ އިތުރުވުމެކެވެ.